އިންޑިއާގެ ބަތަލާ އީޝާ ޑިއޯލްގެ ކައިވެނި ރޫޅިފައިވާކަން ކަށަވަރުކޮށް ދީފި އެވެ.
މި ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ދުވަސްތަކެއް ފަހުން އިޝާ އާއި ފިރިމީހާ ބާރަތު ތަހްތާނީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ މީހުން ވަކިވާން ނިންމީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. އަދި ވަކިވުމަކީ ދެ މީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ އެގޮތަށް ނިންމީ ކަމަށް ބުނެފައިވެ އެވެ.
ބަޔާން ނިންމައިލަމުން އެ މީހުންގެ ނިންމުމަށް އިހުތިރާމްކޮށް ދިނުމާއި މި ދަނޑިވަޅުގައި ދެ މީހުން ވެސް ޕްރައިވެސީ ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
އީޝާ އާއި ބާރަތު ކައިވެނިކުރީ 2012 ގަ އެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިން ވެސް ލިބިފައިވެ އެވެ. އީޝާ އަކީ މަޝްހޫރު ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދެ ކުދިންގެ ތެރެއުން ދޮށީ ދަރިފުޅެވެ. މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލް އަކީ އީޝާގެ އެއްބަފާ ބޭބެއިންނެވެ.
ކައިވެނި ފެއިލްވި އިރު އީޝާ އަކީ ފިލްމީ ކެރިއަރު ވެސް ފެއިލްވެފައިވާ ބަތަލާއެކެވެ. އޭނަ އަކީ ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބޭ ގޮތް ނުވެ، އިންޑަސްޓްރީއާ ފެއަށް ޖެހުނު ބަތަލާއެކެވެ. އީޝާގެ ފުރަތަމަ ފިލްމަކީ 2002 ގެ "ކޮއި މެރެ ދިލް ސޭ ޕޫޗޭ" އެވެ. އޭނަގެ ކެރިއަރުން ހަމައެކަނި ފާހަގަކޮށްލެވޭ ފިލްމަކީ 2004 ގެ "ދޫމް" އެވެ.