ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަކީ ރާއްޖޭގައި އެެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުން ކަމަށެވެ.
އެހެންކަމުން، މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެ މަސައްކަތުގައި ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މަޝްވަރާތައް ބާރަށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން މާޗް މަހުގެ 10 ވަނަ ދުވަހާ ހަމައަށްދާއިރު އެއް ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން ގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދެންތިބި ޕްލެޓްފޯމްތަކުގައި ތިބި ސިފައިން އަނބުރާ ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިހިސާބަށް މިގެންދެވެނީ ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. މިއީ ވަރަށްބޮޑު ކާމިޔާބަކަށް ވާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އަމިއްލަ ގާބިލިއްޔަތުކަން އިތުރު ކުރުމުގެ މަސައްކަތްވެސް ކުރެވޭ ކަމަށެވެ. އެގޮތުން އެއާ އެމްބިއުލެންސްގެ ހިދުމަތް މާޗް 1 ވަނަ ދުވަހު ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި އީއީޒެޑް އަމިއްލައަށް ބެލެހެއްޓުމުގެ މަސައްކަތަށް ކުރުމަށް އިތުރުކުރަންޖެހޭ ގާބިލުކުރަން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރޭވުންތެރިކަމާއެކު މަޝްވަރާގެ އުސޫލުން ކުރާ މަސައްކަތުން، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނެކަމަށެވެ.