ގޯއްޗާއި ފްލެޓްގެ މައްސަލައިގައި މާލޭގެ ރައްޔިތުން ވާނުވާގައި ނުބޭތިއްބުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އީވާ ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފްލެޓް ދޫކުރުމަށް ގޮވާލާ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެެވެ. މި މައްސަލައިގައި އީވާ ވިދާޅުވެފައިވަނީ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ލަސްވެގެން ދިއުމުގެ ސަބަބުން ފްލެޓްތަކުގެ ހައްޤުވެރިންނަށް އެކަމުގެ ސަބަބުން ނުހަނު ގެއްލުން ލިބިދާކަމަށެވެ. މި މައްސަލައިގައި އީވާ ވަނީ ފްލެޓްގެ މައްސަލައިގައި އޭސީސީން ތަހުގީގު ހިންގާފައިވާއިރު، ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ، އެއްވެސް މައްސަލައެއް ނެތް ފްލެޓްގެ ހައްޤުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ފްލެޓްތައް ދޫކުރުމަށް ގޮވާލާފައެވެ.
މި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައިވެސް ފެންނަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފަހަތަށް ޖައްސަމުންދާ މަންޒަރުކަމަށެވެ. ފްލެޓް ދޫކުރުމުގެ ކަންކަމުގައި މައްސަލައެއް އުޅޭނަމަ އެކަން ބަލަންޖެހޭނެކަން ފާހަގަ ކުރައްވާ އީވާ ވިދާޅުވީ މައްސަލަ ނެތް މީހުންނަށް އެމީހުންނަށް ހައްޤުވާ ފްލެޓްތަކާއި ބޯހިޔާވަހިކަން ވީހާވެސް އަވަހަކަށް ދޭންޖެހޭ ކަމަށެވެ. މާލޭގައި ދުވަހަކުވެސް ނޫޅޭ ބައެއް ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާކަމުގެ ވާހަކަތައް އަޑުއިވޭކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ އެފަރާތްތަކުގެ މައްސަލަތައް ބެލިނަމަވެސް ފްލެޓްތައް ހައްގުވާ މާލޭގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ފްލެޓްތައް ދޫކުރަންޖެހޭ ކަމަށެވެ.
"މިއީ ދިގުކުރަންޖެހޭ ވާހަކައެއް ނޫން. ރައީސް ޑރ. މުއިއްޒުއަށް އަޅުގަނޑުގެ އިލްތިމާސްއަކީ، ވާނުވާގައި ނުބައިތިއްބާށޭ. މާލޭ މީހުން އެގޮތަށް ތަޅުވަން ނަހަދާށޭ." އީވާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގެ "ދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނުކަން އިއުލާނުކުރި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުންކަމަށް އޭސީސީން މިފަހުން ވަނީ ހާމަކޮށްފައެވެ.
އޭސީސީން ބުނެފައިވަނީ 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައި ނުވާކަމަށެވެ. އަދި ބައެއް މީހުން ދީފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ވެސް ހުރި ކަމަށެވެ.