Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަންބީރާ އެކީ ޖާންވީ

ސައީ، ރަންބީރް އަދި ޖާންވީ.

ރަންބީރް ކަޕޫރާ އެކީ ޑައިރެކްޓަރު ނިތޭޝް ތިވާރީ ހަދަން ނިންމާފައިވާ "ރާމާޔަން" ޓްރިލޮޖީގެ ބަތަލާ އަކީ ޖާންވީ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން އަޑުއަރާފައިވާ ގޮތުގައި މީގެ ބަތަލާ އަކީ ދެކުނުގެ ހުނަރުވެރި ބަތަލާ ސައީ ޕައްލަވީ އެވެ. ނަމަވެސް އޭނަގެ ބަދަލުގައި މިހާރު "ރާމާޔަން" ގައި ސީތާގެ ރޯލު ކުޅެން ޖާންވީ ނަގާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ.

ޖާންވީ އަކީ ނިތޭޝް އެންމެ ފަހުން ގެނެސްދިން މިދިޔަ އަހަރުގެ ފިލްމު "ބަވާލް" ގެ ވެސް ބަތަލާ އެވެ.

އަރަމުން އަންނަ ޒުވާން ބަތަލާ އަދި މިހާތަނަށް ރަންބީރާ އެކީ ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރާއި ޖާމންވީގެ މަންމަ ސްރީދޭވީ އަކީ ހިންދީ ސިނަމާގެ ކުރީގެ ވަރަށް މަގުބޫލު ޖޯޑެއްކަމެވެ. އެ ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމަކީ 1989 ގެ އަސަރު ގަދަ ލޯބީގެ ފިލްމު "ޗާންދުނީ" އެވެ.

އެހެންވެ ރަންބީރާއި ޖާންވީގެ ކެމިސްޓްރީ ވެސް ސްކްރީނުން ދެކިލުމަކީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ރާމާޔަން" ގެ ޝޫޓިން އަށް ޑައިރެކްޓަރު ނިތޭޝް ތިވާރީ ތައްޔާރީވަމުން ވަމުން އަންނަ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި ސަނީ ޑިއޯލް އާއި "ކޭޖީއެފް" ގެ ބަތަލު ޔާޝްގެ އިތުރުން މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ވެސް ހިމެނެ އެވެ.

މީޑިއާތަކުން ބުނީ "ރާމާޔަން" ގެ ފުރަތަމަ ބައި އަންނަ އަހަރު ސިނަމާތަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެކަމަކު މި ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.