Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ރައީސްގެ ކެމްޕޭން ސްޕީޗް ފޮތް ބަހަނީ

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އެކުލަވާލައިގެން ނެރުނު ފޮތް "ދިވެހީންގެ ރާއްޖެ: ޑރ. މުހައްމަދު މުއިއްޒު" އެކި އިދާރާތަކަޑް ބަހަން ނިންމައިފި އެވެ.

ތ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ވޭމަންޑޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފޮތް ޗާޕްކޮށްގެން މިހާރު ގެނެސްފައިވާ ކަމަށާއި އެކިއެކި އިދާރާތަކަށް އެ ފޮތް ފޮނުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ފޮތުގެ ބޭނުމަކީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި ވީ ވައުދުތައް ގެއްލިޔަ ނުދީ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ރައްޔިތުންގެ ހަނދާނުގައި އެ ވާހަކަފުޅުތައް އަބަދަށް ހަރުލެއްވުމެވެ.

"މިހާރު ރަނގަޅު ފެންވަރަކަށް ޗާޕްކުރެވި، އެ ފޮތްތައް މި ހަފުތާ ތެރޭގައި މާލެ އަށް ވެސް ލިބިފައި ވަނީ. ހުރިހާ ރަށަކާއި ކައުންސިލްތަކަށް ފޮނުވާނަން. ސްކޫލުތަކަށް ފޮނުވާނަން،" 900 ސޮފްހާގެ ފޮތާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ. "އަދި ރަސްމީ އިދާރާތަކަށް ފޮނުވާނަން. ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަދި އޮންލައިންކޮށް، ޑިޖިޓަލީ ވެސް ކިޔައިލެވޭނެ. އެހެންވީމާ ވެސް އެހާ ސާފުކޮށް ފެންނަން އޮންނަ ގޮތަށް މި ކަންކަން ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި މި އޮތީ."

ރައީސް ވިދާޅުވި ގޮތުގައި ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދައި ދިނުމަކީ އެ މަނިކުފާނުގެ ވާޖިބެކެއް ކަމަށާއި ބަހާއި އަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ.

"ދުލުން ބޭރުކުރާ ކޮންމެ ބަހަކީ އެ ބަސް ދުލުން ބޭރުވުމަށް ފަހު އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާ ވާނެ. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ. "އެހެންވީމާ އެ ޒިންމާދާރުކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ. އެހެންވެ މިހާތަނަށް އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް އަކުރުން ފިއްޔަށް އެ ކަން ހާސިލް ކޮށްދިނުމަކީ އަޅުގަނޑުމެން ކުރާނެ މަސައްކަތް."

"ދިވެހީންގެ ރާއްޖެ: ޑރ. މުހައްމަދު މުއިއްޒު" ގައި ހިމަނާފައި ވަނީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށް ވާދަކުރައްވަން އޮގަސްޓް 7 ގައި ހުށަހެޅުއްވި ހިސާބުން ފެށިގެން ރިޔާސީ އިންތިހާބުގެ ދެވަބަ ބުރުގެ ކެމްޕެއިން ސެޕްޓެމްބަރު 29 އާ ހަމައަށް ނިންމައިލި ހިސާބަށް ދެއްކެވި ވާހަކަތަކެވެ.

ރައީސް ރިޔާސީ އިންތިހާބު ކާމިޔާބުކުރެެއްވީ ސެޕްޓެމްބަރު 30 ގައި ބޭއްވި ދެވަނަ ބުރުގަ އެވެ. އަދި ރައީސްކަމުގެ ހުވާކުރެއްވީ ނޮވެމްބަރު 17 ގަ އެވެ.