ފްލެޓްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކޮށްފައިވާގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު މިހާރު ނެތްކަމަށާއި އޭސީސީ އުވާލުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ނަފްސާނީ މައްސަލަތަކާއި މަސްތުވާތަކެތިފަދަ އިޖްތިމާއީ ހުރިހާ މައްސަލައެއްވެސް އަސްލަކީ ބޯހިޔާވަހިކުރާނެ ތަނެއް ނެތުންކަމަށެވެ.
ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަކީ ފުރަތަމަ ހޯދަދޭންޖެހޭ ހައްގުކަމަށްވެސް މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
"އޭސީސީއަކީ މިހާރު ކޮރަޕްޝަން ކޮމިޝަން. އޭސީސީއަކަށް އިތުބާރެއް ނުކުރޭ އެއްވެސް މީހެއް. އޭސީސީ އުވާލަންވީ." މެންބަރު ބޮންޑޭ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް ރައްޔިތުންނަށް ހަވާލު ކުރުމަށް ބޮންޑޭ ގޮވާލެއްވިއެވެ.
މެންބަރު އިބްރާހިމް ރަޝީދު ވަނީ ފްލެޓް ލިބުނު ރައްޔިތުން މި މައްސަލައިގައި ރައީސް އޮފީސް ކުރިމައްޗަށް އެއްވުމަށް ގޮވާލާފައެވެ.
މި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދެއްކި އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އަވަހަށް ފްލެޓް ދިނުމަށް ގޮވާލާފައެވެ. އަދި އެ މެންބަރުން ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.