"ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ މައްސަލައިގައި ހައުސިން މިނިސްޓްރީ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ސިއްރު މުއާމަލާތްތަކެއް ކުރިކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރު އީވާ އަބްދުﷲ ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފްލެޓް ދޫކުރުމަށް ގޮވާލާ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން މެންބަރު އަލީ ނިޔާޒް ވިދާޅުވީ އޭސީސީގެ މެންޑޭޓަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށާއި އޭސީސީން މިހާރު އަދާކުރަމުންދަނީ ސަރުކާރު ވުޒާރާއެއްގެ މެންޑޭޓުގައިވާ މަސައްކަތް ކަމަށެވެ.
ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާކަމަށް އޭސީސީން ބުނިވާހަކައަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވަނީ ހަމަނުވަނީ ކޮން ޝަރުތެއްތޯ ސުވާލު އުފައްދާފައެވެ.
އަލީ ނިޔާޒް ތުހުމަތު ކުރެއްވި ގޮތުގައި އޭސީސީން މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ކަންކުރަންވީގޮތް ހައުސިން މިނިސްޓްރީއަށް އަންގާފައިވަނީ ސިއްރު ލިޔުމަކުންނެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން އެކަން ގަބޫލުނުކޮށް އޭސީސީއާއެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި، އޭސީސީން ޕްރެސް ކޮންފަރެންސްގައި އިއުލާނުކުރި އެއްޗެއް އިއުލާނު ކޮށްފައިވަނީ އޭގެ ފަހުން ކަމަށް އަލީ ނިޔާޒް ތުހުމަތު ކުރެއްވިއެވެ. މިމައްސަލައިގައި އޭސީސީން ހައުސިން މިނިސްޓްރިއަށް ފުރަތަމަ ދީފައިވަނީ ކޮން ލަފައެއްތޯ ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.
އަލީ ނިޔާޒް ވިދާޅުވީ ފްލެޓްތައް ނުދީ ހިފަހައްޓަނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އިންތިހާބަށް އެ ބޭފުޅުން ބޭނުންވާ ބަޔަކަށް ފްލެޓްތައް ދިނުމުގެ ގޮތުން ކަމަށެވެ.