އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަން ފޭސްބުކް މެދުވެރިކޮށް ކޮންމެ ހަފުތާއަކު ގެނެސްދޭ ޝޯއެއް ފަށަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "މި ވުޒާރާ" ގެ ނަމުގައި ގެނެސްދޭ އެ ޝޯގައި މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކެއްގެ މަސައްކަތްތަކާ ގުޚޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށެވެ.
"ކޮންމެ ހަފުތާ އަކު އެއް ފަހަރު [އެ ޝޯ މެދުވެރިކޮށް] ވުޒާރާގެ އޮފިޝަލުން ރައްޔިތުންނާ ބައްދަލު ކުރައްވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް "މި ވުޒާރާ" ޝޯ ގެނެސްދޭނީ ހަފުތާގެ ކޮން ދުވަހެއްގައި ކަމެއް ޝަހީމު ވިދާޅެއް ނުވެ އެވެ.
އިސްލާމިކް މިނިސްޓްރީ އަކީ މިހާރު ވެސް އެތަނުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އެންމެ ގިނައިން ހިއްސާކުރާ މިނިސްޓްރީ އެވެ. ހާއްސަކޮށް މިނިސްޓަރު ޝަހީމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިނިސްޓްރީގެ އެކި ކަންކަމާއި ނިންމުންތަކާ ގުޅޭ ކަންކަން ހިއްސާކުރައްވަމުން ގެންދަވަ އެވެ.