އިގްތިސާދީ ހާލަތު ރަނގަޅުވާ ވަރަކުން ތަރައްގީގެ މަޝްރޫއުތަކަށް ޖާގަދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ބުރުނީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބުރުނީގައި ފާހަގަކުރެވޭ މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަމަށެވެ. ރަށް ގިރުމުގެ މައްސަލައިގެ ސަަބަބުން އެ ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް ހުރަސްއެޅޭކަން ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުން ފަރުދުން އަދި ކުންފުނިތައް ބާރުވެރިކުރުވުން އަދި އިގްތިސާދީ ކުރިއެރުން ހޯދަދިނުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބުރުނީގައި ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭއިރު އެކަމަށް ހުރަސްއެޅުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ބުރުނީގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ މަޝްރޫއު ހުއްޓިފައިއޮތްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް އަވަހަށް ކުރިއަށްގޮސް ނިންމުމަށް ކުރެވެންހުރި ކަންކަން ބަލާ ކުރާނެ ކަމަށެވެ. މިދިޔަ ސަރުކާރުން ބުރުނީ ބަނދަރު މަސައްކަތްކުރުމަށް ސޮއިކޮށްފައިވާއިރު މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ ގިނަ ރަށްތަކެއްގައި މަޝްރޫއުތައް ހިންގުމަށް ސޮއިކުރިނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ނުދާކަމަށެވެ. މިއަހަރުގެ ބަޖެޓަކީ މިދިޔަ ސަރުކާރުން ހުށަހަޅާ ފާސްކޮށްފައިވާ ބަޖެޓެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ހުއްޓިފައިވާ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖާގަ މި ބަޖެޓްގެ ތެރެއިން ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި އިގްތިސާދީ ގޮތުން ކުންފުނިތަކަށް ކުރިމަތިވެފައިއޮތް ހާލަތުގެ ސަބަބުންވެސް ދަތިތަކެއް ހުރެދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް މުހިންމު މަޝްރޫއުތަކަށް އިސްކަން ދިނުމަކީ ސަރުކާރުގެ ސިޔާސަތުކަން ފާހަގަ ކުރެއްވިއެވެ.
ބައިވަރު މަޝްރޫއުތަކެއްގައި ސޮއިކުރެވި އެ މަޝްރޫއުތައް ނުފެށި ހުއްޓިފައި ހުރުމުން ދެންކުރަންޖެހޭ ކަމަކީ މަޝްރޫއުތައް އިސްކަންދޭ ތަރުތީބަކުން އަތުރާލުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަޝްވަރާކޮށް އެންމެ މުހިންމުކަން ދޭންޖެހޭ މަޝްރޫއުތަކަށް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ތަރުތީބު ކޮށްލަދެއްވަންވީ، ހުއްޓިފައި ހުރި މަޝްރޫއުތަކާ އަލަށް ފަށަންހުރި މަޝްރޫއުތަކުގެ ތެރެއިން އަހަރުތެރެއަށް ބަހާލާނެ ގޮތެއް. އިގްތިސާދީ ހާލަތު ރަނގަޅު ކުރެވެމުންދާވަރަކަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖާގަދެމުން ދާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ތ. އަތޮޅުގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފައްޓަވާފައިވަނީ އިއްޔެއެވެ.