ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު އެގޮތަށް ފާސްކުރުމަށް އެ މައްސަލަ ދިރާސާކުރި ކޮމިޓީން ފާސްކޮށްފިއެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
މި އިސްލާހު ދިރާސާކުރި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމާފައިވަނީ ރޯދަމަސް ނިމި، 10 ދުވަހަށްފަހު އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ. މީގެއިތުރުން ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ބައެއް ބަދަލުތައް ގެނައުމަށް ފަހުއެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
މެންބަރު ޝިފާއު، އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.