Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ގޯތި ދޫކުރި ގޮތް އޭސީސީން ތަހުގީގު ކުރަނީ

ސަރުކާރުގެ "ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރިގޮތްވެސް ތަހުގީގު ކުރަމުން ގެންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

"ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން ދޫކުރާ 4000 ފްލެޓާ ގުޅޭގޮތުން އާންމު ފަރާތަކުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން މިއަދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށްފައެވެ. އަދި ގަވައިދާ ހިލާފަށް ގޯތި ދޫކުރި މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވޭތޯ ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، "ބިންވެރިޔާ" ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރިގޮތާ ގުޅިގެންވެސް އޭސީސީއަށް މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން ގޯތިތައް ދޫކޮށްފައިހުރި ގޮތާ ގުޅިގެންވެސް ތަހުގީގެއް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

އޭސީސީގެ ރައީސް އާދަމް ޝަމީލް ވިދާޅުވި އެ ތަހުގީގުގައި ޖުމުލަކޮށް ފާހަގަކުރެވިފައިހުރި ކަންކަން މިއަދު ކޮމިޓީ ބައްދަލުވުމަށް އައިއިރު ގެނެވިފައި ނެތްކަމަށެވެ. އެހެންނަމަވެސް ކޮމިޓީން ބޭނުންވާނަމަ އެކަމުގައި ޖަވާބެއް ކޮމިޓީއަށް ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރަން ނިންމިއިރު، ހުޅުމާލެ ފޭސް 2، 3 އަދި ގުޅީފަޅު، ގިރާވަރުފަޅުން ޖުމުލަ 9000 ގޯތި ދޭންވަނީ ނިންމާފައެވެ.