މިހާރު މަސައްކަތް ކުރަމުން އަންނަ "އިސްތިރީ 2" އަށް ފަހު އިތުރު ދެތިން ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރް ބުނެފި އެވެ.
މިދިޔަ އަހަރުގެ "ތޫ ޖޫޓީ، މޭ މައްކާރް" ގެ ބަތަލާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެ ފިލްމުތަކާ ބެހޭ މާ ބޮޑު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.
"އެކަމަކު ބުނެލަން ބޭނުން އޭގެ ތެރެއިން އެކައްޗަކީ މައިތޮލޮޖިކަލް ޖޯންރާގެ އެއްޗެއް އަދި އަނެއް ފިލްމަކީ ޓައިމް ޓްރެވެލް ޒޯން ޖޯންރާގެ އެއްޗެއް." ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ޝްރަދާ ފާހަގަކުރި މައިތޮލޮޖީ ނުވަތަ ހުރާފީ ޖޯންރާގެ ފިލްމަކީ މީގެ ތިން އަހަރު ކުރިން އޭނަ ސޮއިކުރި "ނާގިން" ޓްރޮލޮޖީ ކަމަށް ބެލެވެ އެވެ. އެއީ ހަރުފައަކަށް ބަދަލުވާ މީހެއްގެ ރޯލުން ޝްރަދާ ފެންނާނެ އެއްޗެކެވެ. ދެހާސް ވިހީގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާންކުރި އެ ޕްރޮޖެކްޓަކީ ކުރީގެ އެކްޓަރު ނިކިލް ދިވެދީ ޕްރޮޑިއުސްކޮށް، ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި އެއްޗެކެވެ.
އެކަމަކު ފަހަކުން "ނާގިން" އާ ބެހޭ ވާހަކަތަކެއް ނުދެކެވެ އެވެ.
މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު، ޝްރަދާ، 34، މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އިރު، އޭނަގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2" އާއި "އޭކް ވިލަން" އަދި "އިސްތިރީ" އެވެ.
ދެހާސް އަށާރައިގެ ކާމިޔާބު ހޮރޯ ކޮމެޑީ "އިސްތިރީ" ގެ ސީކްއެލް ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް 30 ގަ އެވެ.