Last Updated: July 27, 10:35
Saturday, July 27, 2024
ކުޅިވަރު

ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

އެސްޓަންވިލާ 3-1 އިން ބަލިކުރުމަށްފަހު ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު މިދިޔަ މަހުގެ ފަހުކޮޅު ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ރީޕްލޭ މެޗެއް ވަނީ ކުޅެން ޖެހިފަ އެވެ.

ވިލާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ކޯނާ ގަލެގާ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. އަދި މަލޯ ގުސްޓޯ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން މެޗުގެ 21 ވަނަ މިނެޓްގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފުގައި ޗެލްސީން ވިލާގެ ގޯލަށް ނުރައްކާކޮށްފައިވެ އެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިބުނު ހިލޭޖެހުމަކުން އެންޒޯ ފެންނާޑޭޒް އެވެ. ވިލާގެ ޕެނަލްޓީއޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން އެންޒޯ އަމާޒުކޮށްލީ ސީދާ ގޯލުގެ މަތީ ކަނަށެވެ. މި މެޗުގައި ވިލާގެ ހަމައެކަނި ގޯލު މެޗުގެ 91 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީ އެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ޗެލްސީ ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ އެވެ.