މީގެ އަށް އަހަރު ކުރިން ޑިޒްނީން ގެނެސްދިން ކާމިޔާބު އެނިމޭޓެޑް ފިލްމު "މޮއާނާ" ގެ ދެވަނަ ބައި މި އަހަރުގެ ނޮވެމްބަރު މަހު ގެނެސްދޭން ނިންމައިފި އެވެ.
އެ ސްޓޫޑިއޯ އިން މިކަން އިއުލާންކޮށް ބުނީ "މޮއާނާ 2" ބެލުންތެރިންނަށް ދޫކޮށްލާނީ ނޮވެމްބަރު 27 ގައި ކަމަށެވެ.
މިއުޒިކަލް ފެންޓަސީ އެޑްވެންޗާއެއްގެ ގޮތުގައި 2016 ގައި ގެނެސްދިން "މޮއާނާ" އަކީ ޖޯން މަސްކާ އާއި ރޮން ކްލެމެންޓްސް ޑައިރެކްޓްކުރި ފިލްމެކެވެ. ޖުމްލަ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 682.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
"މޮއާނާ" އަށް މަޝްހޫރު ތަރިންތަކެއް އަޑު އަޅާފައިވާ އިރު، ހޮލީވުޑްގެ ތަރި ޑްވޭން ޖޯންސަން (ރޮކް) އާ ވަރަށް ވައްތަރުކޮށް ފިލްމުގައި ހިމެނި ކެރެކްޓާ، މައުއީ އަށް އޭނަ އަޑު އަޅާފައިވެ އެވެ.
"މޮއާނާ 2" ޑައިރެކްޓްކުރަނީ ޑޭވް ޑެރިކް ޖޫނިއާ އެވެ.
ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ސީބީއެންސީގައި ބުނީ "މޮއާނާ" ގެ ސީކްއެލް ކުރިން ގެނެސްދޭން ނިންމީ ސީރީޒެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު ފީޗާ ފިލްމެއްގެ ގޮތުގައި ދެވަނަ ބައި ގެނެސްދޭން ނިންމީ އެއަށް ކޮށްފައި ހުރި މަސައްކަތްތަކުގެ ފުޓޭޖްތަކެއް ފެނިފައި ހިތްހަމަޖެހުނު ވަރު ބޮޑުކަމުން ކަމަށް ބުންޏެވެ.
"މޮއާނާ" ގެ ލައިވް-އެކްޝަން ފިލްމެއް ހަދާނެކަން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކޮށްފައިވެ އެވެ.