ޑާކް ރެއިން އެންޓަޓައިމަންޓްގެ "ފުރޭތަ" އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާކަން އެނގިއްޖެ އެވެ.
މި ފިލްމާ ގުޅުން ހުރި ބައެއް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި މި އަހަރުގެ ޖޫންގައި ގެނެސްދޭ ގޮތަށް ޕްލޭންކޮށްފައި އޮތް ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން އުޅެނީ އަންނަ މަހުގެ 4 ގަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޑާކް ރެއިނުން "ފުރޭތަ" އަންނަ މަހު އަޅުވާނެތޯ ނޫންތޯ ވެސް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
މި ފިލްމު އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން ޕްލޭން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އަދި އޭރު ފިލްމުގެ ޓްރެއިލާއެއް ވެސް އާންމުކުރި އެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއަދު އެ ސްޓޫޑިއޯ އިން ބޮޑު ޚަބަރެއް ދޭނެކަން އަންގާރަ ދުވަހު އިއުލާންކޮށްފައިވާކަމެވެ. އެހެންވެ "ފުރޭތަ" އަންނަ މަހު އެޅުވުމާ ގުޅޭ ގޮތުން ޑާކް ރެއިނުން މެންދުރު ފަހު ވަކި ގޮތެއް ހާމަކުރާނެ ކަމަށް ބެލެވެ އެވެ.
"ފުރޭތަ" އަކީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް ތުރިލާއެކެވެ. އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު ހިމެނެ އެވެ.
މި ފިލްމު ވާނީ ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމަށެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި އެޅުވި ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ.
އޮލިމްޕަހުގައި މިހާރު އޮތީ މި މަހުގެ 1 ގައި އެޅުވި އައި ފިލްމްސްގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ. މި އަހަރުގެ ފުރަތަމަ ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯގެ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.