އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކިނބިދޫ ކައުންސިލުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ހިއްސާކޮށްފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ރަށަށް އާމްދަނީ ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައި ރައްޔިތުންގެ އާމްދަނީ ތަނަވަސްވާނެ މަގު ފަހިކުރުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް ބާރުއެޅުއްވިއެވެ.
މީގެއިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވިދާޅުވެދެއްވައި، އަންހެނުން އުފައްދާތަކެތި ގަނެ ވިއްކައި ކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފުޅާ ފުރުސަތުތަކެއް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.