Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ސިއްދީގަށް ސްޓޭޓް މިނިސްޓަރުކަން

ފޮޓޯ: ރާއްޖެ އެމްވީ

ހޯމްލޭންޑު ސެކިއުރިޓީ އެންޑު ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އަހުމަދު ސިއްދީގް އައްޔަނު ކޮށްފިއެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ސިއްދީގް އައްޔަނު ކުރައްވާފައިވާކަން "އައްޑޫލައިވް"އަށް ވަނީ ކަށަވަރުކުރެވިފައެވެ.

ސިއްދީގު ވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައެވެ.

ސިއްދީގު ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކޮށްފައިވާއިރު މި މައުލޫމާތު އަދި މިހާތަނަށް ރައިސް އޮފީހުގެ ވެބްސައިޓުން ފެންނާކަށްނެތެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާގޮތުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ ޑޮކްޓަރ މުހައްމަދު ކިނާނަތު، އަލްއުސްތާޛާ ލުބްނާ މުހައްމަދު ޒާހިރު އަދި އަލްއުސްތާޛު ޔޫސުފް އަބްދުލްޣަފޫރެވެ. މީގެއިތުރުން 15 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުން ހާމަވެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު އައްޔަނު ކުރަމުންދާތީ ފާޑުކިޔުން އަމާޒުވެފައިވާއިރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށެވެ.