Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ބަތަލާ ޔާމީ އިނީ ބަލިވެ

ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

އޭނަ މަޔަކަށް ވާން އުޅޭކަން އިއުލާންކުރީ މި މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އާ ފިލްމު "އާޓިކަލް 370" ގެ ޓްރެއިލާ ލޯންޗްކުރަން މިއަދު ބޭއްވި އިވެންޓްގަ އެެވެ. އެ ހަފުލާގައި ޔާމީގެ ފިރިމީހާ ޑައިރެކްޓަރު އަދިތިޔާ ދާރް ވެސް ބައިވެރިވި އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބަލިވެއިންކަން އާންމުކޮށް އިއުލާންކޮށްފައި މި ވަނީ ބަނޑަށް ފަސް މަސްވެފައި ވަނިކޮށެވެ. ޔާމީ އާއި އަދިތިޔާ ކައިވެނިކުރީ 2021 ގަ އެވެ. އަދިތިޔާ އަކީ ޔާމީ ބަތަލާގެ ރޯލު ކުޅުނު 2019 ގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރެވެ.

އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ ވިކީ ކޯޝަލް ބަތަލުގެ ރޯލު ކުޅުނު ފިލްމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ.

ޔާމީ ބޮލީވުޑަށް ނުކުތީ އަޔޫޝްމަން ކްރާނާއާ އެކީ 2012 ގެ "ވިކީ ޑޯނާ" އިންނެވެ. މިދިޔަ އަހަރުގެ އޭނަގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ލޮސްޓް" އާއި "ޗޯރު ނިކަލް ކޭ ބާގާ" ގެ އިތުރުން "އޯއެންޖީ 2" އެވެ.