ދޮށީ ދަރިފުޅު ތައިމޫރަކީ ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ ކުއްޖެއް ކަމަށާއި އޭނަ ވާން ބޭނުން ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ކަހަލަ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
ފިރިމީހާ ސައިފާ އެކީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދަރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނަ ބުނީ މެސީގެ ވާހަކަ ވަރަށް ގިނައިން ތައިމޫރް ދައްކާ ދައްކާ ކަމަށާއި އޭނަގެ މެޗްތައް ވެސް ވަރަށް ގިނައިން ބަލާ ކަމަށެވެ. އެހެންވެ ދަރިފުޅުގެ ޝައުގުވެރިކަން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ހުރި ކަމަށް ކަރީނާ ބުންޏެވެ.
އެ ވާހަކައާ ވިއްދައިގެން ސައިފް ވެސް ބުނީ މިހާރު 7 އަހަރުގެ ތައިމޫރް މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވެދާނެ ކަމަށެވެ.
"ނޫނީ ވަރަށް މޮޅު ލީޑް ގިޓަރިސްޓަކަށް ވެސް އޭނަ ވެދާނެ." ދެވަނަ ކައިވެންޏަށް ލިބުނު ދޮށީ ދަރިފުޅާ ބެހޭ ގޮތުން ސައިފް ބުންޏެވެ.
ސައިފާއި ކަރީނާ ކުރިން ވެސް ތައިމޫރްގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ކްރިކެޓް ކުޅުންތެރިއަކަށް ނުވަތަ އެކްޓަރަކަށް ވެސް ދަރިފުޅު ވެދާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ވަކި ދާއިރާއަކުން ކުރިއަށް ދާން ދަރިފުޅަށް ބާރު ނާޅާނެ ކަމަށާއި ޝައުގުވެރިވާ ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދާން ހިތްވަރު ދޭނެ ކަމަށް ދެމަފިރިން ބުނެފައިވެ އެވެ.
ތައިމޫރަކީ އޭނަ އުފަންވީއްސުރެ ބޮޑު "ސްޕަ ސްޓާރެއް" ކަހަލަ ކުއްޖެކެވެ. ސަބަބަކީ މީޑިއާގެ ސަމާލުކަން އޭނަ އަށް ވަރަށް ބޮޑަށް ލިބުމެވެ. އެކަމުގެ ސަބަބުން އުނދަގޫތަކާ ވެސް މީގެ ކުރިން ކަރީނާ އާއި ސައިފަށް ކުރިމަތިލާން ޖެހިފައިވެ އެވެ.
ތައިމޫރްގެ އިތުރުން އެ ދެމަފިރިންގެ މިހާރު ޖަހާންގީރް ކިޔާ ދެ އަހަރުގެ ކުއްޖަކު ކުއްޖަލު ވެސް ހުރެ އެވެ.
ސައިފްގެ ދޮށީ ދަރިންނަކީ ބަތަލާ ސާރާ އަލީ ޚާން، 28، އާއި ބޮލީވުޑަށް މި އަހަރު ތައާރަފުވާނެ އިބްރާހީމް އަލީ ޚާން، 21، އެވެ. އެ ދެ މީހުންގެ މަންމަ އަކީ ބަތަލާ އަމްރިތާ ސިންގް އެވެ.