ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ފައިޓާ" މިދިޔަ މަހު ރިލީޒްކުރި އިރު، ފިލްމުގައި ނުހިމަނައި އޮތް ލަވައެއް މިއަދުން ފެށިގެން ފިލްމުގައި ހިމަނައިގެން ދައްކަން ފަށައިފި އެވެ.
މިހާރު ޔޫ ޓިއުބަށް ވެސް ދޫކޮށްލާފައިވާ މި ލަވަ އަކީ ދެ ތަރިންގެ ހިތްގައިމު ކެމިސްޓްރީ އާއި ރީތި މަންޒަރުތަކެއް ފެނިގެންދާ "ބޭގަރާރު ދިލް" އެވެ. ވިޝާލް-ޝޭކަރް މިއުޒިކް ހެދި ލަވަ ކިޔާފައި ވަނީ އެ ދެ މީހުންނާއި ޝިލްޕާ ރާއޯގެ އިތުރުން ވިޝާލް މިޝްރާ އެވެ،
"ބޭގަރާރު ދިލް" ގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ރިތިކް ބުނީ މި ލަވަ އަކީ ޝޫޓިން ވަރަށް މަޖާކޮށް ދިޔަ ލަވައެއް ކަމަށާއި ލަވަ އެންމެ ފަހުން ފިލްމުގައި ހިމަނާފައިވާތީ އުފާކުރާ ކަމަށެވެ. "ފައިޓާ" ގެ ލަވަތަކުގެ ތެރޭގައި "ޝޭރު ކުލް ގައޭ"، "އިޝްގް ޖެއިސާ ކުޗް"، "މިއްޓީ" އަދި "ދިލް ޗާ ރަހާ ހޭ" ހިމެނެ އެވެ.
މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި "ފައިޓާ" އަކީ އެކްޝަން އޭރިއަލް ތުރިލާއެކެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރި މި ސްޓައިލިޝް ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ދިން ޓްރިބިއުޓެކެވެ. ފިލްމުގެ މައިގަނޑު ކާސްޓުން ކަމަށްވާ ރިތިކާއި ދީޕިކާ އާއި އަނިލް ކަޕޫރާއި ކަރަން ސިންގް ގްރޯވާގެ އިތުރުން އަކްޝޭ އޮބެރޯއީ އަކީ އަސްކަރީ ޕައިލެޓުންނެވެ.
ކުރިން އުންމީދުކުރި ވަރަށް ވުރެ ވަނދުކޮށް، ބެލުންތެރިންގެ ތަރުހީބު ލިބެމުން އަންނަ "ފައިޓާ" އަށް މިހާތަނަށް އާމްދަނީގެ ގޮތުގައި އިންޑިއާ އާއި ބޭރު މާކެޓްތަކުން ލިބިފައި ވަނީ އެންމެ 298.94 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) އެވެ. ފިލްމު ހެދީ 250 ކްރޯޑް ރުޕީސް (30.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.