Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަލީ އާއި ރިޗާ އަށް ދަރިޔަކު ލިބެނީ

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

އެ ދެ މީހުންގެ އިންސްޓަގްރާމްގައި މިކަން އިއުލާންކޮށްފައި ވަނީ ދެ މީހުން ތިނެކަށް ވާން އުޅޭ ކަމަށާއި ތުއްތުގެ ހިތެއްގެ ވިންދު ޖަހަން ފަށާފައިވާ ކަމަށް ބުނެ އާންމުކުރި ޕޯސްޓެއްގަ އެވެ. މިއާ އެކީ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

އެކީގައި 2013 ގެ ފިލްމު "ފުކްރޭ" ގައި ވެސް މަސައްކަތްކޮށްފައިވާ އަލީ، 37، އާއި ރިޗާ، 37، ކައިވެނިކުރީ 2022 ގަ އެވެ. ރިޗާ ބުނެފައިވާ ގޮތުގައ އަލީ އޭނަ އަށް ޕްރޮޕޯސްކުރީ 2018 ގައި ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގަ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމަކާއި ވެބް ސީރީޒްތަކެއް ކުޅެފައިވާ އަލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ކޫފިޔާ" އެވެ. އޭނަ އަކީ އިންޓަނޭޝަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ އެކްޓަރެކެވެ. ހޮލީވުޑްގެ މަޝްހޫރު ތަރި ޖެރާޑް ބަޓްލާގެ މިދިޔަ އަހަރުގެ "ކަންދަހާރް" ގެ ރޯލެއް ވެސް ކުޅެފައިވާ އަލީ އަށް ވަނީ އެ ފިލްމުގެ ސީކްއެލް އިން ވެސް ފުރުސަތު ލިބިފަ އެވެ. އޭނަ މަސައްކަތްކުރި އިންޓަނޭޝަނަލް ފިލްމުތަކުގެ ތެރޭގައި "ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" އަދި "ޑެތު އޮން ދަ ނައިލް" ހިމެނެ އެވެ.

ރިޗާގެ ކުރިއަށް އޮތް އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ފުކްރޭ 3" އެވެ.

އަލީ އާއި ރިޗާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަ އެވެ.