މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ވައިގެ މަގުން ކުރި ދަތުރަކަށް ދައްކަން ޖެހޭ ފައިސާ ދައްކަން ދިން މުހުލަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެ ޕާޓީ އަށް ދައުވާކުރާނެކަމުގެ އިންޒާރު ދީފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭސް) އިން ބުނީ ކެމްޕޭނަށް އެމްޑީޕީން ކުރި ދަތުރުތަކަށް 5.6 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށެވެ، އެ ފައިސާ ދައްކަން އެ ޕާޓީ އަށް މިހާރު ދީފައި އޮތް މުހުލަތު ހަމަވާނީ މި މަހުގެ 18 އަށެވެ.
އެ ފައިސާ ދައްކަން އައިއޭސް އިން މީގެ ކުރިން ވެސް ތަކުރާރުކޮށް އެމްޑީޕީ އަށް ސިޓީގެ ޒަރީއާ އިން އަންގާފައިވެ އެވެ. އެމްޑީޕީން ކުރިން އެއްބަސްވެފައި އޮތީ ދަތުރުތައް ކުރާތާ ދެ ދުވަހުގެ ތެރޭގައި ފައިސާގެ މުއާމަލާތްތައް ނިންމުމަށެވެ.
މިހާރު ދީފައި އޮތް މުހުލަތުގެ ތެރޭގައ ފައިސާ ދެއްކުމަށާއި އެހެން ނޫން ނަމަ ދައުވާކުރަން ޖެހިދާނެކަމުގެ އިންޒާރު އައިއޭއެސް އިން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ދިނީ މިދިޔަ ބުރާސްފަތީގަ އެވެ.
އެމްޑީޕީ އަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އެންމެ ގިނައިން ލިބޭ ޕާޓީ އެވެ. މިދިޔަ އަހަރު އެ ޕާޓީ އަށް 14.2 މިލިއަން ރުފިޔާ ލިބުނެވެ.