އޮލިމްޕަހަށް ދެން އެންމެ އަވަހަށް އަންނަން އޮތީ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމެކެވެ، އެހެންވީމާ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އަނެއްކޮޅުން ސިނަމާ އިން އާ ރަހައެއް ތަޖުރިބާކޮށްލަން ބޭނުން ނަމަ "ފުރޭތަ" އަކީ ކޮންމެހެން ބަލާލަން ޖެހޭނެ ކަހަލަ ފިލްމެކެވެ.
ފިލްމު ސިނަމާ އަށް އަންނަން ދެން މާ ގިނަ ދުވަހެއް ވެސް ނެތެވެ. ތާރީހަކި އަންނަ މަހުގެ 4 އެވެ.
"ފުރޭތަ" އަކި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ތަޖުރިބާކާރު އަދި ކާމިޔާބު ޑައިރެކްޓަރު މިހާތަނަށް ބޮޑަށް ގެނެސްދީފައި ހުރީ ތަންކޮޅެއް "ލައިޓްހާޓެޑް" ފިލްމުތަކެވެ. އެކަމަކު "ފުރޭތަ" އަކީ ޗިއްޕެ މާ ބޮޑަށް ވެސް ތަފާތު ޖޯންރާއެއްގެ ތެރެއަށް ފުންމާލައި ހަދާފައި އޮތް ސީރިއަސް އެއްޗެކެވެ. އެހެންވެ އޭނަގެ މި މަސައްކަތް ބަލާލަން ދިއުމަކީ "ވޯތު" ކަމަކަށް ވާނެ އެވެ.
ދިވެހި މުޖުތަމައުގައި މިހާރު ހުރި އެކި ކަހަލަ އިޝޫތައް "ފުރޭތަ" އިން ދައްކުވައި ދޭނެ އެވެ. އެހެންވެ މީގެ ވާހަކަ އަކީ މުޖުތަމައުގެ "އަނދިރި ފަރާތުން" ސޮފުހާތަކެކެވެ. މި ފިލްމަކީ ކުށުގެ ވެއްޓާއި އާއިލީ ހާޖާނުގަނޑުތަކާއި ބަދަލުހިފުންތަކާއި ތަޅާފޮޅުން ފަދަ ކަންކަން ފެންނާނެ އެއްޗެކެވެ.
ކުރިން އާންމުކޮށްފައިވާ "ފުރޭތަ" ގެ ޓްރެއިލާ އިން ވެސް އެކަން ދައްކުވައިދެ އެވެ. އެހެންވެ އާންމުކޮށް ދިވެހި ސިނަމާ އިން ނުފެންނަ ޒާތުގެ، ޝައުވެރި އަދި ހަގީގަތާ ކުރިމަތިލާން ޖެހޭ ކަހަލަ ފިލްމަކަށް މި ފިލްމު ވާނެ އެވެ. ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވެސް ދޭން ޔަގީން ކަމަކީ ކޮލިޓީ މަސައްކަތެއް ގެނެސްދޭނެކަމެވެ.
"ވަރަށް އުނދަގޫ އިންޓެންސް އެކްޝަން މަންޒަރުތަކެއް މި ފިލްމުން ފެންނާނެ. ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހުނު އެއްޗެއް މިއީ،" ފިލްމުގެ އެކްޝަން ޑައިރެކްޓަރަކީ ތަޖުރިބާކާރު އެކްޓަރު އަދި ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ވިޝްކާ" ގެ ޑައިރެކްޓަރު ރަވީ ފާރޫގްކަން ފާހަގަކޮށް މޮގާ ބުންޏެވެ.
"ފުރޭތަ" ގެ ރޯލެއް ވެސް ރަވީ ކުޅެފައިވާ އިރު، މޮގާ ބުނީ މީގައި ހިމެނޭ އެކްޝަން މަންޒަރުތަކަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ޝޫޓްކޮށްފައި ހުރި މަންޒަރުތަކެއް ކަމަށެވެ.
"އެގޮތުން ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު މަސައްކަތެއް މިއީ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން،" ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޕްރޮޑިއުސަރު ބުންޏެވެ. "ޖުމްލަކޮށް ބުނަންޏާ ފުރޭތައިގެ މަސައްކަތްތަކަށް ވަރަށް ގިނަ މުއައްސަސާތަކުގެ އެހީތެރިކަން ލިބުނު."
މީގެ އަނެއް ހާއްސަ ކަމަކީ ވީއެފްއެކްސް ހިމެނޭ މަންޒަރުތައް ވެސް ހިމެނުމެވެ. އެހެންވެ "ފުރޭތަ" އަކީ ފުރިހަމަ މަސައްކަތަކަށް ހަދަން ޑާކް ރެއިނުން އޮތީ ވަރަށް ބޮޑު މަސައްކަތެއްކޮށްފަ އެވެ. އެކަމަކު ފެންވަރު ވަޒަންކޮށްލެވޭނީ ދޮޅު ގަޑިއިރުގެ ފިލްމު ސްކްރީނުން ބަލާލަން ލިބުމުންނެވެ.
ހަގީގަތަކީ ޑާކް ރެއިނަކީ މިހާރު ދިވެހިން މިހާރު އެންމެ އިތުބާރުކުރާ ސްޓޫޑިއޯކަމެވެ. އޭގެ މާނަ އަކީ އެ މީހުން ހަމަ "ނަމެއްގައި" ބެލުންތެރިންނަށް ފިލްމެއް ދޫކޮށް ނުލާނޭ އެވެ.
"އަހަރެމެން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ޓެކްނިކަލީ މޮޅު ފިލްމުތަކެއް ގެނެސްދިނުމަކީ. އެހެންވެ އެއީ ކަންނޭނގޭ ފިލްމު ބަލާ ގިނަ ބަޔަކު މިހާރު އަހަރެމެންނަށް އެންމެ ބޮޑަށް އިތުބާރުކުރާ ސަބަބަކީ ވެސް." މޮގާ ބުންޏެވެ.
"ފުރޭތަ" އޮލިމްޕަށް އަރައިގަތުން މިއޮތީ ރޯދަ މަސް އައުމުގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ރޯދައާ އެހާ ގާތްކޮށްފައި ސިނަމާ އަށް ފިލްމުތައް ގެނައުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެއް ވެސް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން ފިލްމުގެ ވިޔަފާރި އަށް އަސަރުކުރުމެވެ.
"ބުނެވިދާނެ ވަރަށް ބޮޑު ރިސްކެކޭ އަހަރެމެން މި ފަހަރު މި ނަގަނީ. އެކަމަކު ވަރަށް އުންމީދު ކުރަން ފިލްމުގެ ވިޔަފާރި ރަނގަޅު ވާނެ ކަމަށް،" މޮގާ ބުންޏެވެ. "ރޯދަ މަހުގެ ރޭގަނޑު ފިލްމު ބަލަން އޯޑިއަންސް ސިނަމާ އަށް ވަންނާނެ ކަމަށް މި ބަލަނީ. ތަޖުރިބާކޮށްލަން ވެސް މިކަން ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ގޮތަށް އަހަރެން ދެކެނީ. ދެން ވާގޮތެއް ބަލަމާ."
"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މުހައްމަދު މަނިކު، އަހުމަދު ސައީދު، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ، އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު ހިމެނެ އެވެ.
މި ފިލްމަކީ މި އަހަރު ޑާކް ރެއިނުން ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި އޮލިމްޕަށް މި އަހަރު އަންނަ ތިން ވަނަ ފިލްމެވެ.