ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔާ އެމަނިކުފާނުގެ ފުރަތަމަ ނައިބުރައީސް އަދި ޤާނޫނީ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދައްކާފައިވާ ވާހަކަތައް ހަނދާންއާކޮށްދީ، ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ، ޖަމީލަށް ފާޑުވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިއަދު ކުރި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް ޑރ. ޖަމީލް ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ހިމަނާފައެވެ. އެ ވީޑިއޯގައި ޖަމީލް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ދަނޑުވެރިންނަށް އަދި މަސްވެރިންނަށް ދޭންވައުދުވި ފައިސާގެ ވާހަކަ ތަކުރާރުކޮށްފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަނާއި އަނިޔާވެރިކަން އިތުރުވިކަމަށް ބުނެއެވެ. މީގެއިތުރުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ސީދާ ޒިންމާ ރައީސް ޔާމީން ނަގަންޖެހޭނެ ކަމަށް ޖަމީލް މި ވީޑިއޯގައި ބުނެއެވެ.
މި ވީޑިއޯއާއެކު އަބްދުއްރަހީމް ޓްވީޓްގައި ވިދާޅުވެފައިވަނީ ޑރ. ޖަމީލަކީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަންފެށިފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ވަކިކުރެއްވި ފުރަތަމަ ނާއިބުރައީސް ކަމަށެވެ. އަދި ވީޑިއޯގައިވާ ވާހަކަތަކަކީ ޖަމީލް، ރައީސް ޔާމީނާ ގުޅުވާ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
ފެހި ގާނޫނު އަސާސީއަށް ޢަމަލުކުރަންފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށްހުށަހަޅުއްވައިގެން ވަކި ކުރެއްވި ފުރަތަމަ ނާއިބު ރައީސްގެ ދޫފުޅުން އެ ދުވަހު ދެއްކެވި ވާހަކަފުޅު pic.twitter.com/bkv4nGvuz8
— Abdul Raheem Abdulla (@Banafsaa) February 10, 2024
ރައީސް ޔާމީނަށް ފާޑުކިޔާ ޖަމީލް ދައްކާފައިވާ ވާހަކަތަކެއްގެ ވީޑިއޯއާއެކު އަބްދުއްރަހީމްގެ ފާޑުކިޔުން ޖަމީލަށް އަމާޒުވިއިރު، ޖަމީލާއި އިތުރު ފަރާތްތަކެއް އިސްވެތިބެ ރައީސް ޔާމީންގެ ފަހަތުގައި މިހާރު އަންނަނީ ސިޔާސީ މަސައްކަތް ކުރަމުންނެވެ. އަދި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދިއުމަށްފަހު މިހާރު އެ މަސައްކަތްވެސް އޮތީ މަޑުޖެހިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ، ރައީސް ޔާމީނަށް ތާއީދުކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔަން ފަށާފައެވެ. މީގެތެރެއިން އިސްކޮށް ފާހަގަކުރެވެނީ ޑރ. ޖަމީލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޖަމީލް ނައިބުރައީސްގެ މަގާމުން ދުރުކުރުމާއެކު ޖަމީލް ވަނި ރައީސް ޔާމީނަށް ފާޑުކިޔަން ފަށާފައެވެ. އެގޮތުން އިދިކޮޅު އިއްތިހާދެއް އުފައްދާ އޭގެތެރެއިން ޝެޑޯ ކެބިނެޓެއް އެކުލަވާލުމަށްފަހު އޭގެ ލީޑަރެއްގެ ގޮތުންވެސް ޖަމީލް އުޅުއްވިއެވެ. އަދި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.