Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އިންތިހާބަށް ކުރިމަތިލާން އިތުރު މުއްދަތެއް ނުދޭނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ބަދަލުވިނަމަވެސް އިންތިހާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ބާކީ އޮތީ 4 ދުވަހެވެ. އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނެ ފަހު ތާރީހަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ ހަތަރު ދުވަސް ކަމަށާއި، އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ.

ހަބީބް ވިދާޅުވީ އިއްޔެއާ ހަމައަށް އިލެކްޝަންސް ކޮމިޝަނަށް 18 އެޕްލިކޭޝަން ފޯމު ލިބިފައިވާ ކަމަށެވެ. އިއްޔެ ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ކަމަށާއި މި ތިން ހުށަހެޅުން ވެސް އީސީން ގަބޫލު ކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

"އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމުގެ ފުރުޞަތު ލިބިވަޑައިނުގެންފާނެ." ހަބީބް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނި މާޗް 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ރޯދަ މަހާ ދިމާވާތީ އިންތިހާބު ފަސްކުރުމުގެ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށްވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމުލަ 608 ވޯޓްފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.