ވިސްނުމަކީ އިގްތިސާދީ ފުރުސަތުތައް ފުޅާކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި ތ.ކިނބިދޫ ޒުވާނަކު ވަނީ ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށްދެއްވޭނެތޯ ސުވާލު ކޮށްފައެވެ
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޒުވާންކުދިން މާލެ ނުގޮސް އަމިއްލަ އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ. ތ. އަތޮޅަކީ ވަޒީފާގެ ފުރުސަތު، ނިސްބަތުން ކުޑަ އަތޮޅެއް ކަމަށާއި އަތޮޅުގައި އޮތީ އެންމެ ރިސޯޓެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވަޒީފާތައް އިތުރު ކުރެވޭނީ އިތުރު އިންޑަސްޓްރީތައް ގެނެވި ޓޫރިޒަމް ފުޅާކޮށް އަދި އެހެންވެސް ސިނާއަތްތައް ފުޅާކުރެވިގެން ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާނެފަދަ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމު ކުރުމުންވެސް ބޭނުންތަނެއްގައިތިބެ ބޭރުގެ މާކެޓްތަކަށް އަދި އެހެންވެސް ގޮތްގޮތުން ޒުވާނުންގެ ހުނަރު ވިއްކޭނެކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ އިގްތިސާދީ ފުރުސަތުތައް ފުޅާކޮށްދިނުން ކަމަށެވެ. މީގެކުރިން ތ. އަތޮޅުގެ ރައްޔިތުންނަށް ލިބިފައިނުވާ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.