Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

މިތުން އެޑްމިޓްކޮށް ފަރުވާ ދެނީ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، މިތުން ޗަކްރަބަތީ ކުއްލިއަކަށް ބަލިވުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން މިއަދު ބުނީ 73 އަހަރުގެ އެކްޓަރު އެޑްމިޓްކުރީ މިއަދު ހެނދުނު މޭގައި ރިއްސަން ފެށުމުން ކަމަށާއި އޭނަ އަށް ފަރުވާ ދެމުން އަންނަނީ ކަލްކަތާގެ އެޕޯލޯ ހޮސްޕިޓަލްގައި ކަމަށެވެ. މިތުންގެ ދޮށީ ދަރިފުޅު އެކްޓަރު، މިމޯޗް ޗަކްރަބަތީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ މިތުން އެޑްމިޓްކޮށް އެމްއާރްއައި ވެސް ހަދާފައިވާ ކަމަށެވެ. އެކަމަކު ސިއްހީ ހާލަތާ މެދު ކަންބޮޑުވާ ވަރުގެ ކަމެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މިމޯހްއާ ހަވާލާދީ ބުނި ގޮތުގައި މިތުން މިހާރު އޮތީ އޮބްޒަވޭޝަންގަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ ކިޑްނީގައި ހިލަ އުފެދިގެން 2022 ގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ. މިތުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި ބެންގާލީ ފިލްމު "ކަބްލީވާލާ" އެވެ. އޭނަ އަކީ ހިންދީ ސިނަމާގައި 1980 އާއި 1990 ގެ ތެރޭގައި އެންމެ ވިދި އެއް އެކްޓަރެވެ.