Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

މިއީ ޝާހްރުކާއި ސަލްމާނެއް ނޫން!

މިއޮތް ވީޑިއޯ އިން ފެންނަނީ ކޮން ބައެއް ހެއްޔެވެ؟ އެއީ ބޮލީވުޑްގެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ޝާހްރުކް ޚާން ހީވޭ ނަމަ އެއީ ކުށް ހީއެކެވެ. ރަނގަޅަށް ވީޑިއޯ އަށް ބަލައިލާށެވެ. އެއީ ދެ ތަރިންހެން ހީވިޔަސް އެއީ ސަލްމާނާއި ޝާހްރުކެއް ނޫނެވެ. އެ މީހުންނާ ވައްތަރު ދެ މީހެކެވެ.

ޝާހްރުކާ ވައްތަރުގެ މީހާގެ ނަމަކީ އިބްރާހީމް ގަދުރީ އެވެ. ސަލްމާނާ ވައްތަރު މީހާ އަކީ ޕަރްވޭޒް ކާޒީ އެވެ. މި ދެ މީހުންނަކީ ބޮލީވުޑްގެ ވަރުގަދަ ދެ ޚާނުންނާ ވައްތަރުކަމުން ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލުކަން ލިބި ވަރަށް ބޮޑު މަޝްހޫރު ކަމެއް ވެސް ލިބިފައިވާ ދެ މީހުންނެވެ.

އަދި މި ވައްތަރުކަމުގެ ފައިދާ އެ މީހުން ވަރަށް ބޮޑަށް ނަގާ ވެސް އެވެ. އެ މީހުންގެ އިންސްޓަގްރާމް ހާވާލައިފި ނަމަ އެކަން އެނގޭނެ އެވެ. ދެ ތަރިން އެ މީހުން "އައިޑޮލް" އިން ކޮޕީކުރަން ލައްކަ މަސައްކަތެއް ވެސް ކުރެ އެވެ. އެ ދެ މީހުންގެ ވީޑިއޯ އިން ފެންނަ ގޮތަށް ސަލްމާނާއި ޝާހްރުކަކީ ގާތް ދެ އެކުވެރިންނެވެ.

ކޮންމެއަކަސް ސަލްމާނާއި ޝާހްރުކާ ވައްތަރު މީހުންގެ "ޔުނިއަން" ބައެއް މީޑިއާތަކުން ގެނެސްދިނީ "ކަރަން އަރުޖުން" ގެ ހަނދާން އާކުރަމުންނެވެ. އެ ފިލްމަކީ ސަލްމާނާއި ޝާހްރުކް އެކީގައި ކުޅުނު ފުރަތަމަ އަދި އެންމެ ކާމިޔާބު ފިލްމެވެ. އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކޮށް 1995 ގައި ގެނެސްދިން "ކަރަން އަރުޖުން" ގައި ސަލްމާނަކީ ކަރަނ އެވެ. ޝާހްރުކަކީ އަރުޖުން އެވެ.

މި ދެ ތަރިން މިދިޔަ އަހަރު އެކީގައި ދެ ފިލްމުން ފެނިފައިވެ އެވެ. އެއީ ޝާހްރުކްގެ "ޕަތާން" ގައި ސަލްމާން ކުޅުނު ކެމިއޯ އާއި އޭނަގެ "ޓައިގާ 3" ގައި ޝާހްރުކް ކުޅުނު ކެމިއޯއިންނެވެ.