މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
އެކަން އޭނަ އިއުލާންކުރެއްވީ ދާއިރާގެ ރައްޔިތުންތަކަކާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ. ސިޔާމު ވިދާޅުވެފައި އޭނަ މަޖިލީހުގެ ފަސް ވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވީ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރި ހިންގަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް އެންޑީއޭ) ގެ ލީޑަރު ވިދާޅުވީ ބޭނުން ވަނީ މި ސަރުކާރާ އެކީ މަސައްކަތްކޮށް، ދ. އަތޮޅަށް ބޭނުންވާ ތަރައްގީ ގެންނަން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު، ﷲގެ ރަހްމަތްފުޅާއި ވާގިފުޅުން މިފަހަރު ތިޔަ ރައްޔިތުން އެދިލެއްވީތީ އަދި އަޅުގަނޑުވެސް ތިބޭފުޅުންނަށް އެކަން ކޮށްދޭން ބޭނުން އަދިވެސް ވާތީވެ، ﷲގެ ރަހުމަތްފުޅާއި ވާގިފުޅުން އަޅުގަނޑު މިނިންމީ ދ. މީދޫ ދާއިރާއަށް ކުރިމަތިލާން،" މިރޭގެ ޖަލްސާގައި ސިޔާމް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވާހަކަ ދައްކަވައިގެން ވީހާ ވެސް ކައިރިން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މި އަތޮޅަށް ގެންނަން ޖެހޭ ހުރިހާ ތަރައްގީގެ މަޝްރޫއުތައް ގެނައުމުގައި އަޅުގަނޑު އެއްވެސް ފަހެއް ނުޖެހި މަސައްކަތް ކުރާނެ ވާހަކަ ތިޔަ ރައްޔިތުންނަށް ދަންނަވަން." ސިޔާމް ވިދާޅުވި އެވެ.
ސިޔާމު 20 ވަނަ މަޖިލީހަށް ވެސް ވާދަކުރައްވަން ނިންމެވި އިރު، އޭނަ މިހާތަނަށް ފާހަގަކުރެވަނީ މަޖިލީހުގެ ހާޒިރީ އެންމެ ދަށް އެއް މެންބަރުގެ ގޮތުގަ އެވެ.