Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ބެން އެފްލެކަށް "ބާބީ" ގެ ރޯލެއް ލިބުނު

ހޮލީވުޑްގެ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ބާބީ" ގެ ރޯލެއް ކުޅެން މަޝްހޫރު އެކްޓަރު ބެން އެފްލެކަށް ލިބުނު ކަމަށް ބުނެފި އެޗެ.

މި ވާހަކަ ހިއްސާކޮށްފައި ވަނީ އެފްލެކަށް ހާއްސަކުރި ރޯލު، އެލެންގެ ކެރެކްޓާ ކުޅުނު މައިކަލް ސީރާ އެވެ.

"ކިއު އެންޑް އޭ ވިތު ދި އޭވީ ކުލަބް" ގައި މައިކަލް ބުނީ އެފްލެކް ކުޅެން އޮތް ރޯލު އޭނަ އަށް ނުކުޅެވުނީ އެހެން ފިލްމެއްގެ މަސައްކަތުގައި މާ ބިޒީކޮށް އުޅެން ޖެހުމުން ކަމަށެވެ. އެހެންވެ އެލެންގެ ކެރެކްޓާ ކުޅެން ލިބުނީ ކަމަށް މައިކަލް ބުންޏެވެ. އެ ރޯލަކީ "ބާބީ" ގައި ގެނެސްދިން ހެއްވާ މަޖާ ތަޅާފޮޅުންގަނޑެއް ވެސް ދައްކުވައި ދޭ މަންޒަރެކެވެ.

އަންނަ މަހު ބާއްވާ 96 ވަނަ އޮސްކާ އެވޯޑްސްގައި 8 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވާ "ބާބީ" އަކީ މާގޯ ރޮބީ ޓައިޓްލް ރޯލު ކުޅެ، އޭނަގެ ބައިވެރިޔާ ކެންގެ ރޯލު ރަޔަން ގޮސްލިން ކުޅުނު ފިލްމެކެވެ. ބޮކްސް އޮފީހުގައި 1.446 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި މި ފިލްމު ޑައިރެކްޓްކުރީ ގްރެޓާ ގާވިގެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒާ މިހާރު ކައިވެނިކޮށްގެން އުޅޭ އެފްލެކަށް "ބާބީ" ގެ ރޯލެއް އޮފާކުރި އިރު، އޭނަ އަކީ ހޮލީވުޑްގެ ނުފޫޒު ގަދަ ތަރިންގެ ތެރެއިން އެކެކެވެ. ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އެފްލެކް މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މިސްޓްރީ އެކްޝަން ތުރިލާ "ހިޕްނޮޓިކް" އެވެ.

އެފްލެކް، 51، ގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދިސް އިޒް މީ…ނައު: އަ ލަވް ސްޓޯރީ" އާއި "ކިސް ދަ ފިއުޗާ" އާއި "ދި އިންސްޓިގޭޓާސް" އާއި "އަންސްޓޮބަލް" ގެ އިތުރުން "ސްމޯލް ތިންގްސް ލައިކް ދީސް" ހިމެނެ އެވެ.