Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އަސްލަމްގެ ކަންބޮޑުވުން

މަޖިލިސް ރައީސް މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރުން ހުއްޓުވާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލިސް ގަވައިދަށް ގެނެސްފައިވާ އިސްލާހަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް މަޖިލީހުގެ މައްޗަށް ނެރެފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ މީގެކުރީގެ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބައެއް އިސްލާހުތަކާއި ގާނޫނުތަކުގެ ބައިތައް ޤާނޫނުއަސާސީއާ ހިލާފު ބާތިލު ބައެއްކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ މައްސަލަތައް ބެލުމަށްފަހު ކަމަށެވެ.

މިހާރު ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓު އަމުރު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުއްވާފައިވާއިރު މިމައްސަލަ ބެއްލެވުމެއް ނެތި އަދި ގާނޫނުއަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ކޯޓު އަމުރެއް ލިބިފައިވާތީ ކަންބޮޑުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމު ކުރުމުގެ ގޮތުން މަޖިލީހުގެ ޖުމުލަ އަދަދަކީ 87 ކަމެއް ބަލައިގެން ކުރިއަށްދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން. އެއީ ޤާނޫނުއަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިފައިވާ ބާރެއް. އެހެން އެއްވެސް މުއައްސަސާއަކުން އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލިސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ނިންމަވާ ގޮތެއްގެ މަތިން." އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުއެވެ.