Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޓެރަރިޒަމްގެ ކުށުގައި އަމީނަށް އިއްވި ހުކުމް އިސްތިއުނާފަށް

އަމީން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި--

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތިވެ އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ ދެ ދައުވާއެކެވެ. އެ ދެ ދައިވާ ސާބިތުވެ އޭނާގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވަމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުން އަމީންގެ ޖަލު ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް އެ އިސްތިއުނާފު އަދި ބަލައިގެންފައެއް ނުވެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަމް ޕާކުގައި ބޮން ގޮއްވި މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އޭނަ ނަން ހިމަނާފައިވެ އެވެ. އަމީނަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.