Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް ތިން މެންބަރުން ވޯޓު ދީފައިވެއެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައިވަނީ ރޯދަމަސް ނިމި، 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީން މިހާރު ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. ރާއްޖޭގެ ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް ރޯދަމަސް ތެރޭ މަޖިލިސް އިންތިހާބު ބޭއްވުމާ ދެކޮޅު ހަދާފައިވާއިރު، ތާރީހު ބަދަލުކޮށްދޭން ވެސް ބައެއް ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. ވިހި ވަނަ މަޖިލީހަށް ޖުމްލަ 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.