ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރުން ހުއްޓުވާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް އަމަލު ނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުއެވެ. އެ ވަގުތީ އަމުރުގައި ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 80 މެންބަރުން ކަމަށް ބެލުމުގެ ބަދަލުގައި، 87 މެންބަރުން ކަމަށް ބަލަމުންދިޔަ ދިޔުން ދެމި އޮންނާނެކަމަށް ކަނޑައަޅާފައެވެ.
އެ އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އަމުރާ މެދު މެންބަރުން އަމަލުކުރާނޭ ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތުގައި މެންބަރުން ބަހުސް ކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅާފައިވަނީ، މެންބަރުންގެ ޖުމުލަ އަދަދު ގުނުމުގައި މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް އަމަލުކުރުމަށް ހުށަހަޅާފައެވެ. އަދި އެ ހުށަހެޅުން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ.
"މި ހުށަހެޅުން ފާސްވުމާ ގުޅިގެން، މިވަގުތުން ފެށިގެން އަނެއްކާވެސް އަޅުގަނޑު ވޯޓު ގުނުމުގައާއި ކޯރަމް ހަމަކުރުމުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގަ ބަލައިގެން ކުރިއަށްދާނީ، އެނޫންގޮތަކަށް މަޖިލީހުން ކަނޑަނާޅާހާ ހިނދަކު." ވޯޓަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެހެން އެއްވެސް މުއައްސަސާއަކުން އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލިސް ހިންގާނެގޮތް ބުނުމުގެ ބާރު ލިބިގެންވާކަމަކަށް ގަބޫލެއް ނުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ވަގުތީ އަމުރު:
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އެބައޮތް ކަމަށެވެ.
މަޖިލިހުގެ މެންބަރުންގެ އަދަދު ކަނޑައެޅީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމުގައިވެފައި، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ޤާނޫނީ އަދަދު ކަނޑައަޅާފައިވާއިރު، އަދި 87 ވަނަ މާއްދާގައި މަޖިލިހުގެ މެންބަރުންނަށް ނިންމުންތައް ނިންމޭނެ އަދަދާބެހޭ އިރުޝާދު ދީފައިވާއިރު، މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ބިނާވަނީ ޤާނޫނުއަސާސީގެ މި މާއްދާތަކުގެ މަތިންކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. އަދި މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހަކީ ޤާނޫނުއަސާސީ ޚިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ތުހުމަތު ކުރާ ހާލަތުގައި ގަވައިދަށް ގެނެސްފައިވާ އިސްލާހަށް މިވަގުތު އަމަލުކުރުން މަޑުޖައްސާލަންޖެހޭ ކަމަށެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފެށުނީއްސުރެ މަޖިލީހުން އަމަލުުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމަށް ދެކޭ ކަމަށާއި، މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއްކަމަށް އަމުރުގައި ބަޔާން ކޮށްފައިވެއެވެ.
"އެހެންކަމުން، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށް މިމައްސަލަ ބަލާ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލިހަށް އަންގަމެވެ." ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވެއެވެ.
އޭޖީން ހުށަހެޅި ދުސްތޫރީ މައްސަލަ:
މި މައްސަލައާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން މީގެކުރިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ ޤާނޫނޫއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެއް ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ މާއްދާތަކާ ތައާރުޟުވާ މާނަކުރުމެއް ކަމަށްވެސް ބުނެފައިވެއެވެ.