Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކޭޓީ ޕެރީ "އެމެރިކަން އައިޑޮލް" ދޫކޮށްލަނީ

"އެމެރިކަން އައިޑޮލް" ގެ ކުރިއަށް އޮތް ސީޒަނަކީ ޖަޖެއްގެ ގޮތުގައި ބައިވެރިވާނެ ފަހު ސީޒަން ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ބުނެފި އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އޯލަންޑޯ ބްލޫމްގެ ބައިވެރިޔާ މިކަން ހިއްސާކުރީ "ޖިމީ ކިމެލް ލައިވް" އެވެ.

މިހާތަނަށް ހަ އަލްބަމް ނެރެފައިވާ ޕެރީ ބުނީ މިހާރު ވަރަށް ގިނަ ދުވަހު "އެމެރިކަން އައިޑޮލް" ގައި މަސައްކަތް ކުރެވިއްޖެ ކަމަށާއި އެއާ އެއްފަރާތްވެފައި އަމިއްލަ މިއުޒިކާ ގުޅުން ހުރި ކަންކަމަށް މިހާރު ވަގުތު ދޭން ބޭނުންވާ ކަމަށެވެ. އެހެންވެ މި މަހުގެ 18 ގައި ފަށަން ހަމަޖެހިފައިވާ "އެމެރިކަން އައިޑޮލް" ސީޒަން 22 ވާނީ އޭނަ ޖަޖުންގެ ޕެނަލުން ފެންނާނެ ފަހު ސީޒަނަށް ކަމަށް ހުނަރުވެރި އަދި ކާމިޔާބު ފަންނާނު ބުންޏެވެ.

"އަސްލު އައިޑޮލް އަކީ އަހަރެންގެ ހިތާ ވަރަށް ގާތް އެއްޗެއް. ސަބަބަކީ މިއީ އެމެރިކާގެ އޯޑިއަންސާ ވަރަށް ބޮޑަށް ކަނެޓްކޮށްދޭ ޝޯއަކަށްވާތީ،" ހަ ސީޒަނެއްގައި ޖަޖްކަންކުރި ޕެރީ ބުންޏެވެ. "ކުރިއަށް އޮތް ސީޒަނަކީ އަހަރެންގެ ފަހު ސީޒަނަށް ވިޔަސް، އަނެއްކާ ވެސް ފަހުން ފުރުސަތެއް ލިބިއްޖެ ކަމަށްވާ ނަމަ އައިޑޮލް އިން ނުފެންނާއެކޭ ނުބުނާނަން."

އެމެރިކާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "އެމެރިކަން އައިޑޮލް" 2018 އިން ފެށިގެން ގެނެސްދެމުން އަންނަނީ އޭބީސީ ނެޓްވޯކުންނެވެ. ފަނަރަ ވަނަ ސީޒަނާ ހަމައަށް މި ޝޯ ކުރިން ގެނެސްދިނީ އަކީ ފޮކްސް އިންނެވެ.

"ޖިމީ ކިމެލް ލައިވް" ގައި ޕެރީ ބައިވެރިވީ "އެމެރިކަން އައިޑޮލް" ގެ އަނެއް ދެ ޖަޖުން ކަމަށްވާ ލައިނަލް ރިޗީ އާއި ލޫކް ބްރަޔަންއާ އެކީގަ އެވެ. މި ތިން މީހުން ޝޯގެ ޖަޖްކަން ކުރަމުން އަންނަނީ 2018 އިން ފެށިގެންނެވެ.

"އެމެރިކަން އައިޑޮލް" އެންމެ ފުރަތަމަ ގެނެސްދިނީ 2002 ގަ އެވެ. މިދިޔަ އަހަރު މި ޝޯގެ 21 ވަނަ ސީޒަން ކާމިޔާބުކުރީ ވިލިއަމް ޓޮންގީ އެވެ.