އަންނަ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ ކާތިކް އާރިއަންގެ ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ 3" ގެ ރޯލެއް މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓަށް ވެސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ ފިލްމުގެ ޓީމުން މިހާރު މަދޫރީއާ އެކީ މަޝްވަރާކުރަމުުން އަންނަ ކަމަށާއި އޭނަ އަށް އޮފާކުރީ ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ކަމަށެވެ. "ބޫލް ބުލައްޔާ 3" އަށް އޭނަ ގެންނަން އުޅޭ ވާހަކަ ދެކެވެން މި ފެށީ 2007 ގެ "ބޫލް ބުލައްޔާ" ގެ ބަތަލާ ވިދިއާ ބާލަން ތިން ވަނަ ބައިން ފެންނާނެކަން އިއްޔެ ކަށަވަރުކޮށް ދީފައި ވަނިކޮށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "މަޖާ މާ" އެވެ. އޭނަ ދާދި ފަހުން ބުނި ގޮތުގައި މި އަހަރަކީ ބިޒީ އަހަރަކަށް ވާނެ އެވެ. އަދި ފިލްމުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ގިނައިން ހިފާނެ އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ބޫލް ބުލައްޔާ 3" ގެ ޑައިރެކްޓަރަކީ 2022 ގެ "ބޫލް ބުލައްޔާ 2" ގެ ވެސް ޑައިރެކްޓަރު އަނީސް ބަޒްމީ އެވެ. ވަރަށް ކާމިޔާބު އެ ފިލްމުގެ ކާސްޓްގައި ކިއާރާ އަދުވާނީ، ތައްބޫ، އަމަރު އުޕަދޭ، ސަންޖޭ މިޝްރާ އަދި ގޯވިންދު ނަމްދޭވް ހިމެނެ އެވެ.
"ބޫލް ބުލައްޔާ 3" މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނާނެ އެވެ.