Last Updated: May 1, 20:45
Thursday, May 2, 2024
ކުޅިވަރު

ފުރަތަމަ ލެގުން ރެއާލާއި ސިޓީ އަށް މޮޅެއް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑުން 1-0 އިން ރެޑްބުލް ލީޕްޒިގް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން 3-1 އިން ކޮޕެންހޭގަންގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީއާ ދެކޮޅަށް ރޭ ނިކުތް ކޮޕެންހޭގަން އަކީ މެންޗެސްޓާ ޔުނައިޓެޑާއި ތުރުކީގެ ގަލަތަސަރާއީ ފަހަތަށް ޖައްސާލައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ޓީމެކެވެ.

ކޮޕެންހޭގަންގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ކެޑިން ޑި ބްރޭނާ ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. ސިޓީގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 34 ވަނަ މިނެޓްގައި މެގްނަސް މެޓްސަން ކޮޕެންހޭގަން އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެނާޑޯ ސިލްވާ ވަނީ ސިޓީ އަށް އަލުން ލީޑު ނަގައިދީފަ އެވެ.

ސިޓީން ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗުގައި އެޓީމުން ޖެހި ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.

ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރަށް ހޯދާފައިވާ ރެއާލުން ލީޕްޒިގްގެ މައްޗަށް ކުރި ހޯދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ރެއާލަށް މެޗުގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒް އެވެ. ޑިއާޒް މި ގޯލު ކާމިޔާބު ކުރީ ލީޕްޒިގްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލައި ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މި ގޯލަށްފަހު ވެސް ރެއާލަށް ލީޑު ފުޅާކޮށްލަން ފުރުސަތުތަކެއް ލިބިފައިވެ އެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކެއް މިރޭ ވެސް ކުޅޭނެ އެވެ. މިރޭ ކުޅޭ ދެ މެޗަކީ ޕީއެސްޖީ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރާ މެޗުގެ އިތުރުން ލާޒިޔޯ އާއި ބަޔާން ބައްދަލުކުރާ މެޗެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖެގަޑިން މިރޭ 1 ޖަހާއިރު އެވެ.