މިހާރު ޝޫޓިން ކުރިއަށްދާ އަޖޭ ދޭވްގަންގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ވިލަން އަކީ އަރުޖުން ކަޕޫރްކަން ފިލްމުގެ ޓީމުން މިއަދު ކަށަވަރުކޮށް ދީފި އެވެ.
އެގޮތުން "ސިންގަމް އެގެއިން" ގެ ޝޫޓިންގެ ތެރެއިން ނަގާފައުވާ އަރުޖުން ފޮޓޯތަކެއް އާންމުކޮށްފައިވެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަރުޖުންގެ ލުކް ވައްތަރީ 2021 ގެ ފިލްމު "ޕުޝްޕާ" ގައި އައްލޫ އެރުޖުން ފެނުނު ގޮތާ އެވެ.
"ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުންކަން ކަށަވަރުކޮށް ދީފައި މި ވަނީ މީގެ ވިލަންގެ ރޯލު ކުޅޭނީ އޭނަ ކަމަށް ބުނެ އެ ވާހަކަ މީޑިއާތަކުގައި މިދިޔަ އަހަރުން ފެށިގެން ދެކެވެމުން ދަނިކޮށެވެ.
އަރުޖުން މީގެ ކުރިން ވެސް ގްރޭ ޝޭޑްސް އެކުލެވޭ ރޯލެއް ކުޅެފައިވެ އެވެ. އެއީ ޑައިރެކްޓަރު މޯހިތު ސޫރީގެ 2022 ގެ "އޭކް ވިލަން ރިޓާންސް" ގަ އެވެ. "ސިންގަމް އެގެއިން" އަކީ ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކީ އަރުޖުން މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މި އަހަރުގެ އޮގަސްޓް 15 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، ޓައިގާ ޝްރޮފްް، ކަރީނާ ކަޕޫރް، ރަންވީރު ސިންގް، އަކްޝޭ ކުމާރު އަދި ޝްވޭތާ ތިވާރީ ހިމެނެ އެވެ. ރޯހިތުގެ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ "ސިންގަމް އެގެއިން" ގައި ރަންވީރު ފެންނާނީ ކޮޕް ޔުނިވާސްގެ "ސިމްބާ" ގެ ކެރެކްޓާއިންނެވެ. އަދި އަކްޝޭ ފެންނާނީ ކޮޕް ޔުނިވާސްގެ "ސޫރިއަވަންޝީ" ގެ ކެރެކްޓާއިންނެވެ.