ރަންބީރް ކަޕޫރާ އެކީ ޑައިރެކްޓަރު ނިތޭޝް ތިވާރީ ހަދަން ތައްޔާރީތައްވަމުން އަންނަ "ރާމާޔަން" ޓްރިލޮޖީން އަމީތާބް ބައްޗަން ވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ހުރާފީ ފިލްމުގެ މުހިއްމު ކެރެކްޓާއެއް އަމީތާބަށް ހުށަހަޅައި މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަމީތާބް ކުރިން ވެސް ނިތޭޝްއާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އެއީ 2014 ގެ ސުޕަނެޗްރަލް ކޮމެޑީ "ބޫތުނާތު ރިޓާންސް" ގަ އެވެ.
އަމީތާބް ވަނީ ރަންބީރާ އެކީ ވެސް މަސައްކަތްކޮށްފަ އެވެ. އެއީ 2022 ގެ "ބުރައްމަސްތުރާ" އެވެ. އަމީތާބަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީތޫ ސިންގްއާ ވެސް އެކީ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑް ހަދަން ނިންމާފައިވާ "ރާމާޔަން" ގެ ކާސްޓްގައި ޖާންވީ ކަޕޫރް، ސަނީ ޑިއޯލް، ދެކުނުގެ ތަރިންތައް ކަމަށްވާ ޔާޝް އާއި ވިޖޭ ސެތުޕަތީ ވެސް ހިމެނެ އެވެ.
ނަމަވެސް މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރާތީ ކާސްޓާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ކަށަވަރެއް ނޫނެވެ.