Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ދެން ފަށާ ހައުސިން ސްކީމެއްގައި ޓޫރިޒަމް މުވައްޒަފުން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން، އަދި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ މަޝްވަރާ ސަރުކާރުން ހޯދުމާމެދު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަދި ހާއްސަކޮށް ޒުވާނުންނަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ފަރާތްތަކެއް ކަމަށެވެ.

ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ހައުސިން ސްކީމެއް ތައާރަފްކުރުމަކީ ވައުދެއްކަން ފާހަގަކުރައްވާ ރައިސް މުއިއްޒު ވިދާޅުވީ އެކަން ކެބިނެޓުންވެސް ނިންމާފައިވާނެ ކަމަށެވެ. އަދި އެކަމުގެ އޮނިގަނޑު ފާސްކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް ދާއިރާގެ އެކިއެކި ޖަމިއްޔާތަކަށް، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާ އެކު ކެޓެގަރީގެ ޝަރުތުތައް ކަނޑައަޅާނެގޮތާއި ޕޮއިންޓް ދޭނެގޮތާ ކަންކަން ނިންމާނެ ކަމަށް ވެސް ރައިސް ވިދާޅުވިއެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭނީ ހަމައެކަނި މާލެ ސަރަހައްދުން ނޫން ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާއިރު އެ ސަރަހައްދެއްގައި ހުންނަ ރިސޯޓްތަކުގެ ޒުވާނުންނަށް އެ ސަރަހައްދުން ޖާގަ ލިބޭނެގޮތަށް ހެދުމަކީ ސިޔާސަތު ކަމަށެވެ.

"އެންމެ އަވަހަށް ފެށޭ ހައުސިން ޔުނިޓް ޕްރޮޖެކްޓްތަކުގެ ތެރެއިންވެސް އެކަން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ވަރަށް އުންމީދުކުރަން މި އަހަރު ތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ބޭނުންވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޒުވާނުންގެ މަޝްވަރާއާއި ޚިޔާލާއެއްގޮތަށް ދާއިރާ ކުރިއަށްގެންދިއުން ކަމަށެވެ.