ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދިޔަ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޯއިޑް އޮސްޓިން ހޮސްޕިޓަލުން އިއްޔެ ދޫކޮށްލުމާ އެކީ އަލުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.
އުމުރުން 70 އަހަރުގެ އޮސްޓިން ފުރަތަމަ އެޑްމިޓްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އޮޕަރޭޝަނަކަށް ފަހު ދިމާވި ކޮމްޕްލިކޭޝަންތަކަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ދޫކޮށްލާފައި ވަނިކޮށް އަލުން އޭނަ އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އޮސްޓިން ހޮސްޕިޓަލުން ދޫކޮށްލުމާ އެކީ އަލުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތްކަން ޕެންޓަގަނުން މިއަދު ކަށަވަރުކޮށް ދެމުން ބުނީ އޭނަގެ ސިއްހީ ހާލަތު މިހާރު ރަނގަޅު ކަމަށެވެ. އެކަމަކު އޮސްޓިން އަދި މަސައްކަތް ކުރައްވަމުން ގެންދަވާނީ ގޭގައި ހުންނަވައިގެން ކަމަށް ބުންޏެވެ.
އޮސްޓިން އަށް މިދިޔަ އަހަރު ވަނީ ޕްރޮސްޓޭޓް ކެންސަރު ޖެހިފަ އެވެ.

އޭނަ އަކީ އެމެރިކާގެ އަސްކަރިއްޔާގައި 41 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަސްކަރިއްޔާ އިން އޮސްޓިން ރިޓަޔާކުރެއްވީ 2016 ގަ އެވެ.