މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު ސިއްހީ ހާލަތު އަނެއްކާ ވެސް ގޯސްވުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
އޭނަގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން ބުނީ މިހާރު އުމުރުން 98 އަހަރުގެ މަހާތީރު އިންފެކްޝަނަކާ ގުޅިގެން އެޑްމިޓްކުރީ އިއްޔެ ކަމަށާއި އޭނަ އަށް ފަރުވާ ދެމުން އަންނަނީ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި ކަމަށެވެ.
މި ފަހަކަށް އައިސް މަހާތީރަށް ހިތުގެ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވެވަޑިގެން އެޑްމިޓްކޮށް ފަރުވާ ދިނުމަކީ އާންމު ކަމެކެވެ.
މެލޭޝިއާގެ ތަރައްގީގެ ބާނީގެ ގޮތުގައި ސިފަކުރާ މަހާތަރީ އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 1981 ގަ އެވެ. އޭގެ ފަހުން 2003 އާ ހަމައަށް އެ މަގާމު ފުރުއްވި އެވެ. އަދި އަލުން 2018-2020 އަށް ވެސް ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އެވެ.