މި އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް، ފަނޑިޔާރުން އައްޔަންކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ހިންގާ މި މަޖިލީހަކީ ފަނޑިޔާރުންނާ ގުޅޭ ޝަކުވާއެއް ބަލައި، ޖުޑިޝަލް ޖޭއެސްސީން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން އެހެން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އެކުލަވާލާފައިވާ މަޖިލީހެކެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް، ފަނޑިޔާރުންގެ އިސްތިނާފު މަޖިލީހަށް ތިން ފަނޑިޔާރަކު އައްޔަންކުރެ އެވެ. މީގައި ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ހައި ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ސުޕީރިއަލް ކޯޓުތަކުން އައްޔަންކުރާ ފަނޑިޔާރަކު، މި މަޖިލީހުގައި އިންނަވަ އެވެ.
މި އަހަރު އިސްތިއުނާފީ މަޖިލީހަށް އައްޔަންކޮށްފައިވާ ތިން ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒ މުޙައްމަދު ސަލީމްގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީ ޙުސައިން ފާއިޒް ރަޝާދެވެ.
މިދިޔަ އަހަރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ތިއްބެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދާއި ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ އިތުރުން ޖުވެނައިލް ކޯޓުގެ ޤާޒީ އަޙްމަދު ޝަރީފެވެ.