Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ވޯޓުގެ ސިއްރުކަން ގެއްލޭތީ ރީރަޖިސްޓްރީވާން ފުރުސަތު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް އާންމުކޮށްފައެވެ.

އެ ލިސްޓުގައި ވާގޮތުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ 4651 ފަރާތެއް ތިއްބެވެ. އީސީން ވަނީ އެ ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރީރަޖިސްޓްރީ ވުމުގެ ފުރުސަތު ދީފައިވަނީ ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.

މީގެއިތުރުން އީސީންވަނީ ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާތިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެގޮތުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އަދަދު ކަނޑައެޅިފައިވާ އަދަދަށް ވުރެއް މަދުވުމުން ބައެއް ވޯޓުފޮށިތައް ނުބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.

އެގޮތުން 17 ރިސޯޓެއް އަދި ހުޅުލޭގައި ބެހެއްޓުމަށް ނިންމާފައިވާ ވޯޓު ފޮއްޓެއް ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި އިންޑިއާ / ޓްރިވެންޑްރަމް – 1، ތައިލެންޑް / ބެންކޮކް – 1، އިނގިރޭސިވިލާތް /ލަންޑަން – 1 އަދި އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ – 1 ނަންބަރު ފޯޓުފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ.