ދުބާއީގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި 290 އަށްވުރެއް ގިނަ ފަރާތުން ބައިވެރިވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، 13 ފެބްރުއަރީގައި ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަަމަކީ ސަރުކާރާއި އެކި ވިޔަފާރިތަކާއި ދެމެދު ފަސޭހަ މާހައުލެއްގައި ވާހަަކަދެކެވި ގުޅުން ބަދަހިކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވި ފޯރަމެއް ކަމަށެވެ. އަދި މި ފޯރަމްގައި ސަރުކާރުގެ މުހިިއްމު ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލެވިފައިވާ ކަމަށެވެ.
މި ފޯރަމްގައި 290 އަށްވުރެއް ގިނަ ފަރާތްތަކުން ބައިވެރިވިކަމަށާއި މީގެތެރޭގައި ޕޯޓް އަދި ލޮޖިސްޓިކްސް، އިއާދަކުރަނިވި ހަކަތަ، ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި ބިނާވެރިކަން ފަދަ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ 130 ކުންފުނި ތަމްސީލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި ފޯރަމް ނިމިގެންދިޔައީ ބައިވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ކުރިއަށްގެންދެވުނު އިންޓަރެކްޓިވް ސެޝަނަކަށްފަހު ކަމަށެވެ. މި ސެޝަންގައި ރާއްޖޭގެ އިގްތިސާދު ތަރައްގީކުރުމަށް މުހިއްމު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވުނު ކަމަށާއި އަދި ފޯރަމް ނިންމާލުމުގެ ގޮތުން ބޭއްވުނު ނެޓްވާކިން ސެޝަންގައި ދެ ގައުމުގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތަކެއް ހޯދުމަށް މަގުފަހި ކުރެވިގެންދިޔަކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.
ދުބާއީގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމް ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ފޯރަމްގައި ރައީސްގެ އިތުރުން އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލްވެސް ފޯރަމްގެ ބައިވެރިންނާ ވާހަކަދައްކަވާފައިވެއެވެ.