Last Updated: May 21, 06:06
Tuesday, May 21, 2024
ޚަބަރު

ޗައިނާގެ އިތުރު އެއާލައިނެއްގެ ސީދާ ދަތުރު ރާއްޖެ އަށް

ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަނީ / ފޮޓޯ: އެމްއޭސީއެލް

ރާއްޖެއާއި ޗައިނާ ދެމެދު ދަތުރުތަށް ފަށާ ހަތަރުވަނަ އެއާލައިނުގެ ގޮތުގައި ޗައިނާ ޝިއާމަން އެއާލައިނުން ރާއްޖެއަށް ދަތުރުތަށް ފަށައިފިއެވެ.

މިއަދު ހެނދުނު ޗައިނާގެ ފުޖިއާން އިން ސީދާ ރާއްޖެއަށް އައި ފްލައިޓުގައި 236 މީހުން ވަނީ ރާއްޖެ އައިސްފައެވެ. މި ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. އެގޮތުން ފްލައިޓުން ދަތުރު ކުރި ފަރާތްތަކަށް މަރުހަބާ ކިޔަން ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ފާތިމަތު ތައުފީޤް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުވެރިން ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މިހާރު ރާއްޖެއަށް ޝިއާމަން އެއާލައިންގެ އިތުރުން، ބެއިޖިންގް ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން އެއާލައިންސް އަދި ސީޗުއާން އެއާލައިންސް ދަތުރު ކުރެއެވެ.

މިއާއެކު ޗައިނާ މާކެޓް ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރުވެސް އަންނަ މާކެޓަށް ވެގެން ގޮސްފައެވެ. އެގޮތުން އީއްޔެގެ ނިޔަލަށް ރާއްޖެއަށް ޗައިނާއިން 40،892 ފަތުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ދެވަނައަށް އޮތް ރަޝިއާ މާކެޓާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 12،000 ފަތުރުވެރިންގެ އިތުރު އަދަދެކެވެ.

ޗައިނާގައި ހާއްސަކޮށް ރާއްޖެ ޕްރޮމޯޓު ކުރުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި އެކަމުގައި ޗައިނާ ސަރުކާރުންވެސް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ.