ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފި އެވެ.
މިއީ ރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލާއެކު ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ ބޭންކުގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައި ކަމަށެވެ. ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް ޕްރޮސެސްތަކަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
"މިއަދު މި ގެނެވުނު ބަދަލާއެކު ލުއި ލޯނާއި ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުން ވަގުތުން އެޕްރޫވްކޮށްލެވޭނެ. އެހެން ކަމުން ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މިވަނީ 5 ދުވަހުން މަދު މިނިޓްކޮޅަކަށް ކުޑަކުރެވިފައި." އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ފެންނަ ލޯނުގެ އަދަދަކީ ބޭންކުގެ ކްރެޑިޓް އިވެލުއޭޝަނަށް ފަހު ކަނޑައަޅާފައިވާ އަދަދެއް ކަމަށެވެ. ކަސްޓަމަރުންނަށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ. މި ފައިނޭންސިން ތަކުގެ ރޭޓަކީ 15 ޕަސެންޓެވެ. އަދި ފައިނޭންސިން އަށް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރު ލިބޭނެ އެވެ.