Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ގުޅީފަޅު ހިއްކުން ކޯޓުން ހުއްޓުވައިފި

ގޯތި ދޫކުރަން ނިންމާފައި އޮތް ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރެއް ނެރެފި އެވެ.

އެފަދަ އަމުރެއް ކޯޓުން ނެރުނީ އެތަން ހިއްކަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ތިމާވެށީގެ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ބުނީ ބިން ހިއްކުމުގައި އެންވަރަޔަމަންޓް އިމްޕެކްޓް އެސެސްޓްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެށްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ފާހަގަވާ ކަމަށެވެ.

އެހެންވެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ކޯޓުން ބުންޏެވެ.

ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ނެރުނު އަމުރުގައު ވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލުމަށެވެ. އަންގާ ކަމަށެވެ.