Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ސާރާގެ ވަތަނީ ފިލްމު މާޗް 21 ގައި

ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާންގެ ވަތަނީ ފިލްމު "އޭ ވަތަން…މޭރޭ ވަތަން" އަންނަ މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ކަންނާން އައްޔަރް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަ އަކީ 2013 ގެ ސުޕަނެޗްރަލް ތުރިލާ "އޭކް ތީ ޑާޔަން" ގެނެސްދިން ޑައިރެކްޓަރެވެ.

"އޭ ވަތަން…މޭރޭ ވަތަން" އަކީ އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އަންޑަ-ގްރައުންޑް ރޭޑިއޯއެއްގެ ގޮތުގައި ހިންގި ކޮންގްރެސް ރޭޑިއޯގައި މަސައްކަތްކުރި އޫޝާ މެހެތާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެވެ. ފިލްމުގައި ސާރާ ކުޅުނީ އޫޝާގެ ރޯލެވެ.

"އޭ ވަތަން…މޭރޭ ވަތަން" އަންނަ މަހުގެ 21 ގައި އެމެޒޯން ޕްރައިމަށް ދޫކޮށްލުމުގެ ކުރިން އެ މަހުގެ 15 ގައި ނެޓްފްލިކްސް އަށް ސާރާގެ މިސްޓްރީ ފިލްމު "މާޑާ މުބާރަކް" ގެންނާނެ އެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ކަރިޝްމާ ކަޕޫރާއި ވިޖޭ ވަރުމާ އާއި ޕަންކަޖް ޓްރިޕަތީ ވެސް ހިމެނެ އެވެ.