ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ އިންޑޮނީޝިއާގެ ބާލީން ބިދޭސީ ޓޫރިސްޓުންގެ އަތުން 10 ޑޮލަރުގެ ޓެކްހެއް މިއަދު ފެށިގެން ނަގަން ފަށައިފި އެވެ.
ބާލީ އަށް އެތެރެވާ ބިދޭސީންގެ އަތުން މި ޓެކްސް ނަގަން ނިންމީ މިދިޔަ އަހަރު އެވެ. އެގޮތުން މިއަދުން ފެށިގެން ބާލީ އަށްދާ ބިދޭސީ ޓޫރިސްޓުންގެ އަތުން 150،000 ރުޕިއާ ނުވަތަ 9.60 ޑޮލަރު ނަގާނެ އެވެ. މި ޓެކްސްގެ ނެގުމުގެ ބޭނުމަކީ ބާލީގެ ތިމާވެއްޓާއި އެތަނުގެ ސަގާފަތް ދަމަހައްޓަން ކުރާ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމެވެ.
ބާލީގެ ކަމާބެހޭ އިދާރާތަކުން ބުނީ ޓޫރިސްޓުންގެ އަތުން ނަގަން ފެށި ޓެކްސް، އެ މީހަކު ބާލީ އަށް އެތެރެވުމުގެ ކުރިން "ލަވްބޯލް" ވެބްސައިޓް މެދުވެރިކޮށް ދައްކަން ޖެހޭނެ ކަމަށެވެ.
ރަސްމީ އިދާރާތަކުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ މަހާ ހަމައަށް ބާލީ އަށް 4.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެތަނަށް އެންމެ ގިނައިން ދަނީ އޮސްޓްރޭލިއާގެ ޓޫރިސްޓުންނެވެ. އެ ލިސްޓްގައި ދެން ހިމެނެނީ އިންޑިއާ، ޗައިނާ އަދި ސިންގަޕޫރެވެ.